ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވީ މަސްއޫލުވެރިއެއްގެ ކިބައިން ފެންނަންޖެހޭ މަތިވެރި ސިފައެއްކަމުގައި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވި، އިއްޔެ ނޫސްވެރިންނާއެކު ރައީސް ބޭއްވެވި 15 ގަޑިއިރުގެ ދިގު ޕްރެސް ކޮންފަރެންސްއާ ގުޅުވައިގެންނެވެ.
އެގޮތުން، ޕީއެސްއެމް ނިއުސްގެ އަށް ވަނަ އަހަރީ ދުވަހުގެ "ޕީއެސްއެމް އެވޯޑް 2025" ގައި ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އައްބާސް ވަނީ، ރައީސް ބޭއްވެވި މި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށާއި، އެ ބައްދަލުވުމުގައި، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބުދެއްވައި ވަކި ދާއިރާއެއް އިސްތިސްނާ ނުކުރައްވައި، ހުރިހާ ދާއިރާއަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި، ކަންކަން އޮޅުންފިލުއްވައިދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއް. ޚަބަރާއި ކަންކަން ހިނގަމުންދާ ގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްއޫލުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. އެކަން ހާމަކޮށްދެއްވަމުން އެ ގެންދެވީ،" އައްބާސް ވިދާޅުވިއެވެ.
އަދި ރައީސްގެ މި ބައްދަލުވުމަކީ ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ބައްދަލުވުމެއްކަން ފާހަގަކުރައްވަމުން އައްބާސް ވަނީ އެމަނިކުފާނު ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމަށް ތައުރީފުކުރައްވާފައެވެ. އަދި ދިވެހިންގެ ދިވެހިވަންތަކަން ދިރުވައި އާލާކުރުމުގައި ނޫސްވެރިންގެ ދައުރު އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށާއި ގައުމިއްޔަތާއި، ސަގާފަތް އަދި އާދަކާދަތައް ދިރުވުމުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް މިހާރަށްވުރެ ފަރުވާތެރިވުމަށް އައްބާސް ގޮވާލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް