މިހާތަނަށް ދުނިޔޭގެ ހުރިހާ ގައުމަކުން ރެކޯޑް ކުރެވިފައިވާ އެންމެ ދިގު ޕްރެސް ކޮންފަރެންސް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ.
އިއްޔެ ހެނދުނު 10:00 އިން ފެށިގެން ގާތްގަނޑަކަށް 15 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ވަރުބަލިކަމެއްނެތި އެމަނިކުފާނު ގެންދެވީ ޖަވާބުދެއްވަމުންނެވެ.
މި ޕްރެސް ކޮންފަރެންސްގެ ކުރިން، އެހާތަނަށް ދުނިޔޭގެ އެންމެ ދިގު ޕްރެސްއެއް ބާއްވާފައިވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕްރެސްއަށް ހޭދަވީ 14 ގަޑިއިރެވެ. އެހެންކަމުން، މިއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު އަދި ދުނިޔޭގެ ރައީސަކު ވެސް ކޮށްފައިވާ ކަމެއް ނޫނެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ ދައުރު މުހިންމުވަރު ފާހަގަކުރައްވައި، ނޫސްވެރިންނަކީ އަބަދުވެސް ތެދުވެރި، ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ، ބެލެންސްޑް އަދި އިންސާފުވެރި ރިޕޯޓިންގއެއް ގެންގުޅޭ ބަޔަކަށް ވުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.
މި ޕްރެސްގައި ނަމާދަށް ވަގުތު ދިނުމަށްޓަކައި ނެންގެވި ކުޑަ ކުޑަ ބްރޭކްތައް ފިޔަވައި އެހެން ބޮޑު ބްރޭކެއް ނެންގެވުމަކާ ނުލައި، އެތައް އިރެއް ވަންދެން ނޫސްވެރިން ބޭނުންފުޅުވާ ސުވާލެއް އެމަނިކުފާނާ ކުރެއްވުމަށް ރައީސްވަނީ ފުރުސަތުދެއްވާފައެވެ.
އެންމެ ފުރަތަމަ އެމަނިކުފާނު ނޫސްވެރިންނަށް، ކޮންމެ ބޭފުޅަކަށް 1 ސުވާލު ކުރެއްވުމަށް ފުރުސަތުދެއްވިނަމަވެސް، ފަހުން އެ ނިންމުން ބަދަލުކުރައްވައި، ނޫސްވެރިން މެދުވެރިކޮށް އާންމުންނަށްވެސް އެމަނިކުފާނާ ސުވާލުކުރެއްވޭނެގޮތަށް ކަންކަން މަގުފަހިކޮށްދެއްވާފައިވެއެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްއާއެކު، 2025 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެވަނީ 180 ޤައުމާ ވާދަކޮށް، އެ އިންޑެކްސްގެ 2 ހަރުފަތް ގިރާކޮށް، 104 ވަނަ ހަރުފަތުން ޖާގަ ހޯދާފައެވެ.
މިއީ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ހަރުދަނާކުރުމަށާއި، މައުލޫމާތު ލިބުން އިތުރުކުރުމަށާއި، ނޫސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ މަޤްޞަދުގައި އެޅުނު މުހިންމު ފިޔަވަޅަކަށްވާއިރު، މި ނޫސް ކޮންފަރެންސާއިއެކު ރައީސް ޑރ މުއިއްޒަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރައްވަމުންނެވެ.
މި ނޫސް ކޮންފަރެންސްގައި ރައީސްވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ ހައްލު ވިދާޅުވެދެއްވައި، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެއްކަން ކަމުގައިވާ، ބޯހިޔާވަހިކަމުގެ އެތައް މައްސަލައެއް ހައްލުކުރައްވާނެ އެތަށް ގޮތްތަކެއް ވިދާޅުވެފައެވެ.
އެމަނިކުފާނާ ގުޅުވައި ބައެއް ނޫސްވެރިން އެއްސެވި ޒާތީ ބައެއް ސުވާލުތަކަށްވެސް ރައީސް މުޢިއްޒުވަނީ ސާބިތުކަމާއި ޖަވާބުދެއްވާފައެވެ.
އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ، ނަތީޖާ ނެރުންކަމަށެވެ. އަދި ނަތީޖާއަށް ދިއުމުގައި ހުރަސްތަކެއް ދިމާވާނަމަ، އެކަންމުން އެންމެ ގެއްލުން ކުޑަ ޙައްލެއް، އަވަހަށް ހޯދައިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް