އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލްތައް ޒިންމާދާރުކުރުވުމަށްޓަކައި ޤާނޫނުތަކަށް މުހިންމު އިސްލާޙުތަކެއް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ޤާނޫނު އަސާސީއަށް ގެންނަން ހުށަހަޅާ އިސްލާޙްތަކަށް އެމަނިކުފާނުވަނީ އަލިއަޅުވާލައްވާފައެވެ.
- ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކި އެކީގައި ބޭއްވުން
- ރިޔާސީ އިންތިޚާބު "ޕްރިފަރެންޝަލް ވޯޓިން" ނިޒާމަށް ބަދަލުކޮށް، އިންތިޚާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖެއްސުން
- ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރު ކަމުގައި ކަނޑައެޅުން
- މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެގޮތަށް، 93 ގައި ހިފެހެއްޓުން
- "ރިކޯލް ވޯޓް" އެއް ނަގައި، ވަކިކުރަން ފާސްވެއްޖެނަމަ، އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތަޢާރަފްކުރުން
- އަތޮޅު ކައުންސިލްތައް އުވާލުން
މި ކަންތައްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، "ރިިކޯލް ވޯޓް"ގައި އިންތިޚާބުކޮށް ހޮވާފައިވާ ހުރިހާ މީހުން ހިމެނޭކަމަށާއި އޭގެ ތެރޭގައި ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުންވެސް ހިމެނޭނެކަމަށެވެ. އަދި އެމީހެއްގެ އިތުބާރުނެތްކަމަށް އެ ދާއިރާއެއްގެ ތެރެއިން ނަގާ ވޯޓުން ކަނޑައެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ރައްޔިތުންނަށް ބާރުދިނުމަކީ. ރައްޔިތުން އޭނަ ހޮވީ. އެހެންވީމާ ރައްޔިތުންނަށް އޭނަ ވަކިކުރުމުގެ ބާރުވެސް އޮންނަންވާނެނޫންތޯ.." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނަށް އިސްލާޙު ހުށަހަޅުއްވަން ނިންމަވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރަން ތިބޭނީ އެ ރަށެއްގެ ކައުންސިލުންކަމަށާއި ދެން އަތޮޅު ލެވެލްގައި ވަކި ކައުންސިލެއް ހުރުމުގެ ބޭނުމެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާކަމަށެވެ.
އަތޮޅު ކައުންސިލްތަކުން ބާއްވާ ބައްދަލުވުންތައް ބާއްވަނީ އޮންލައިންކޮށްކަމަށާއި، ބައެއް ފަހަރު ބޭކާރު އެތައް ކަންކަން ހިންގާތަނެއްގެ ގޮތުގައި އަތޮޅު ކައުންސިލްތައް ފާހަގަވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށްވެސް ގެންނަން ފެންނަ އިސްލާޙުތަކަށްވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ޤާނޫނަށް ގެންނަން ހުށަހަޅުއްވާނެ އިސްލާޙުތަކަކީ؛
- ސިޔާސީ މަޤާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނީ ގިނަވެގެން ކިހާ މިންވަރަކަށްކަން ޤާނޫނުގައި ބަޔާންކުރުން
- އެންމެ ގިނަވެގެން ޢައްޔަންކުރެވޭނެ ސިޔާސީ މަޤާމުތަކުގެ އަދަދު، މަޖިލީހުން ކަނޑއަޅާ ގޮތަށް ޤާނޫނު ބަދަލުކުރުން
- ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރތާތްތަކުގެ ތަފްސީލް މަޖިލީހާ ހިއްސާކުރަންޖެހޭގޮތަށް ޤާނޫނު ބަދަލުކުރުން
ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާ އިސްލާޙުތައް؛
- 2000 މީހުންނަށްވުރެ މަދު އާބާދީއެއްގައި ނަމަ3 ކައުންސިލަރުން-2000 އަށްވުރެ އާބާދީ ގިނަ ނަމަ5 ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން
- އ.ތ.މ ގެ އަދަދުވެސް މިފަދައިން ކަނޑައެޅުން
- އ.ތ.މ ގެ ރައީސްއަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއްކަމުގައި ކަނޑައެޅުން
- ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުން
- ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 އިން 40 އަށް މަތިކުރުން
- 1 ނޮވެންބަރު 2025 އިން ފެށިގެން ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމުގެ ނިޒާމަށް އަމަލުކުރަން ފެށުން
ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅުއްވަން ނިންމާފައިވާ އިސްލާޙުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުން ބްްލޮކް ގްރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އަދާކުރުމަށް އެކަނިކަން ކަށަވަރުކުރުމުގެ އިޚްތިޔާރާއި ބާރު ފިނޭންސް މިނިސްޓަރަށް ލިބިދޭ މާއްދާއެއް ޤާނޫނަށް އިތުރުކުރުން ވަރަށް މުހިންމުކަމަށެވެ.
"މިހާރު ވާގޮތަކީ ބްލޮކް ގްރާންޓް ނަގައިގެން ތަޖުރިބާ ދަތުރުގައި ބެންކޮކްގަޔާއި ތަންތަނުގައި އުޅެނީ. ފިނޭންސް މިނިސްޓަރަށް ކުރެވޭނެކަމެއް، ބުނެވޭނެ އެއްޗެއްވެސް ނޯވޭ ޤާނޫނު އޮތްގޮތުން. ބްލޮކް ގްރާންޓް މިދެވެނީ، ބޭނުންކަމެއް ކުރެވޭ، ނުހުއްޓުވޭ. އެކަމަކު ރަށުގަ ކުރަންޖެހޭ ކަންކަން އެބަހުއްޓޭ ނުކޮށް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދައުލަތުން ކައުންސިލްތަކަށް ދޫކުރާ އެފަދަ ފައިސާއަކީ ކަައުންސިލުތަކުގެ ޒިންމާ އަދާކުރަން ދޭ ފައިސާއެއްކަމަށާއި އެކަމަކު އެކަން އެގޮތަށް ކުރިއަށް ނުގެންދެވޭތީ، އެ ފައިސާ ދޫކުރުމުގެ އިޚްތިޔާރު ފިނޭންސް މިނިސްޓަރަށް ދެވޭނެ ފަދައިން ޤާނޫނަށް އަކުރެއް އިތުރުކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް