އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެއީ އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ނިންމި ނިންމުމެއް ކަމަށާއި، އެއީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި މުހިންމު ނިންމުމެއްކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމު ކުޑަވެދާނެ. އެހެންނަމަވެސް 100 ޕަސެންޓު އިސްލާމީ ޤައުމެއް. އަޅުގަނޑޫމެން އެކަމާ ދެކޮޅުކަން އަޅުގަނޑުމެން ހާމަކުރީ. އެހެންވީމަ އިރާދުކުރެއްވިއްޔާ އެކަން އެގޮތުގައި ދެމިއޮންނާނެ" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހިން އިސްކުރުންކަމަށެވެ. އަދި ދިވެހިންނާއި ރާއްޖެއަށް ފައިދާވާކަންކަމުގައި ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުންކަށާއި އެގޮތުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަކީ ޚާރިޖީ ސިޔާސަތުގެ ތެރެއިން އަދި ރާއްޖޭގެ ތާރީޚުގައިވެސް އެޅުނު ފަޚުރުވެރި ނިންމުމެއްކަމަށެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމާއެކު އެ ބިލު ތަސްދީޤުކުރައްވާފައެވެ.
މިއީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށްޓަކައި ފާސްކުރެވުނު ބިލެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް