ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ޞޭނުންކުރުމުގައި އެއްބަޔަކު އަނެއްބަޔެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހްތިރާމްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2025 އެޕްރީލް 23 ވަނަ ދުވަހުން ފެށިގެން މާލޭގެ މަޖީދީމަގުގައި ކުރިއަށްދާ ސިލްސިލާ އެއްވުންތައް އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމާއި ހައްގާއި އަދި ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު އެއްގޮތްވާގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކާއި އަދި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވެ އުޅުމަކީ އެ ކޮމިޝަނުން ބަލައިގަންނަކަމެއްކަމަށެވެ.
އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހްތިރާމްކުރުމަކީ މުޖްތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމުކަމެއްކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ވަނީ އެފަދަ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުފުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާއި އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، މިދުވަސްވަރަކީ ޖީސީއީ އޯލެވެލްގެ އިމްތިހާނުގެ ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމު މިންގަޑާއި ޚިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށްވެސް އެ ކޮމިޝަނުންވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށާއި އަދި ޢަމަލުކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކުރުމަށާއި އެފަދަ ރޫޅާލުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް އެ ޚިދުމަތަށްވެސް ކޮމިޝަނުންވަނީ ގޮވާލާފައެވެ.
އެޗްއާރްސީއެމް އިން ނެރުނު ބަޔާން ނިންމާލަމުން އެ ކޮމިޝަނުން ބަނީ އެއްވެއުޅުމުގެ ގާނޫނުން މަނާކުރާ ކަންތައްތައް ކުރުމުން ދުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި، ދިފާޢި ބާރުތަކާއި އަދި އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް