އެހެން ފަރުދުންނަށް ލިބިދޭ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގޮވާލައިފިއެވެ.
އެ ޚިދުމަތުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްގު އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރު ކުރުމުގައި އެ އިދާރާ ދެމިތިބޭނެ ކަމުގެ ޔަޤީންކަންދޭ ކަމަށެވެ.
ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގެ ސަބަބުން، އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި، އިމަޖެންސީ ހިދުމަތްތަކަށާއި ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް ބޮޑެތި އުދަނގޫތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ އެ ޚިދުމަތަށް ލިބެމުންދާކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، އެ ޚިދުމަތުން ދޭ ހުއްދައާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީއިން ކަނޑައަޅައި އާންމުކޮށް އިޢުލާނުކޮށްފައިވާ ތަންތަނުގައި އެކަނިކަން ބަޔާން ކޮށްފައިވާކަމަށާއި އެހެންކަމުން، އެ މިނިސްޓްރީ ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި، އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގިތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް އެ ޚިދުމަތުން ފުރުސަތު ނުދޭނެވާހަކަވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، ގާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ޤާނޫނީ ބާރުގެ ބޭނުންކޯށް، އެއްވުން އިންތިޒާމްކުރާ ފަރާތްތަކާމެދި ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އެ ޚިދުމަތުން އަޅުމުންގެންދާނެކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ހަމައެއާއެކު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޯށްދިނުމާއި، އެފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމް އެ ޚިދުމަތުން ހަމަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ފުލުހުންވަނީ ދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް