ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިތުރު ދެ ދެރަޖަ ކުރިއަށް ޖެހިލައިފިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ، ކޮންމެ އަހަރަކު، ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްއިންނެވެ. އެގޮތުން އޭގައި ރާއްޖެ މި އަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ލައްވާލީ 52.46 ޕޮއިންޓާއެކު އެ ލިސްޓުން 106 ވަނައިގަ އެވެ.
އެހެންކަމުން، ޕޮއިންޓަށް މާބޮޑު ބަދަލެއް ނައިނަމަވެސް، މިދިޔަ އަހަރާ އަޅާ ބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު، އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.
ފާހަގަކުރެވޭގޮތުގައި 2023 ވަނަ އަހަރުން ފެށިގެން ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަނީ ފަހަތަށް ޖެހެމުންނެވެ. އެއާއެކު ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީވެސް ޖެނުއަރީ 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. ހެއްކާ ބެހޭ ގާނޫނަށް އޭރު ބަދަލު ގެނައީ ނޫސްވެރިންގެ ލިޔުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ނޫސްވެރީންނަށް މިނިވަންކަން ދިނުމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެެއްގައި މައުލޫމާތު ފެތުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް އަބަދުވެސް ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް