އެންމެ ނުބައި މީހަކީ، އެމީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލާ މީހާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ޚުތުބާގައި ބުނެފައިވަނީ އެންމެ ނުބައި މީހަކީ، އެމީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާކަމަށެވެ. އަދި ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށްވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެކަމަށް ޚުޠުބާ ބުނެފައިވެއެވެ.
އަދި ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޯށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވުމަށާއި އަބަދުވެސް ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފައި، އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާތެރިވެ އުޅުމާއި އެކަމަށް ވަޞިއްޔަތްކުރުމަކީ، މާތް ﷲ އާ ކުއްތަންކޮށްދޭ މަތިވެރި ޢަމަލެއްކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، އަޅުގަނޑުމެންނަކީ އެހެން މީހުންގެ މައްޗަށް އޯގާތެރި، އަމިއްލަ ނަފްސަށް ލބިގެންވާ ހެޔޮކަން ހަމައެކަނި އެއީ އަމިއްލަމީހާއަށް ލިބިގެންވާ އެއްޗަކަށްނަހަދައި، ނުދަންނަ މީހުންނަށް އުގަންނައިދިނުމަކީ މުހިންމު ކަމެއްކަމަށާއި ހާޖަތްތެރީންނާއި ފަޤީރުންނަށް ތިބާގެ ޖާނާއި މާލުން އެހީތެރިވުމަށްވެސް ބުނެފައިވެއެވެ.
ހަމައެއާއެކު، ބޮޑެތި މީހުންނަށް އިހްތިރާމުކުރުމާއި ކުޑަކުދިންނަށް އޯގާތެރިވުމާއި، ކުށްކުރާ މީހުންނަށް ރަނގަޅު މަގު ދައްކައިދީ، ޖަނަވާރުންނަށް އޯގާތެރިވުމަކީވެސް ﷲ ގެ ރަޙްމަތް ލިބިގެންވާ މަތިވެރި ޢަމަލުތަކެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ﷲ ރަޙްމަތާ އެންމެ ކުއްތަންވެގެންވާ މީހުންނީ، އެކަލާނގެ ޚަލްޤުތަކުންގެ މައްޗަށް އެންމެ އޯގާވެރިވާ މީހުންކަމަށާއި އެފަދަ މީހުންނަށް ﷲ ރަޙްމަތްލައްވައި، އެކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވައި، ކަށްވަޅުގެ އަޛާބުންނާއި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެކަލާނގެ ހިޔާވަހިކަން ދެއްވާ ބަޔަކު ކަމުގައި ޚުޠުބާގައި ސިފަކޮށްފައިވެއެވެ
މިއަދުގެ މި ޚުތުބާއަކީ ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލް ބުދައިރް މިދިޔަ މަހު 25 ގައި އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ދެއްވި ޚުޠުބާއަށްވާއިރު، އެމަނިކުފާނުގެ މި ޚުތުބާގެ މައުޟޫއަކީ “ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.”.އެމަނިކުފާނު ދެއްވި މި އަސަރުން ފުރިގެންވާ ޚުޠުބާގައި ބަޔާންކުރާ ކޮންމެ ކަމަކީވެސް އަޅުގަނޑުމެންނަށް އިބުރަތުން ފުރިގެންވާ ކަންކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް