މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2025 އޭޕްރިލް 30 ވަނަ ދުވަހުގެ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވަމަށް ފަހުގައިކަމަށް ފުލުހުން ބުނެފައިވެއެވެ.
ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، ޢަލީ ޢަބްދުﷲ (48އ) އާއި އުނިމާގެ / ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި، އެމީހުން ހައްޔަރުކޮށް، މި ދެ މީހުންނާއި އެމީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ދެ މީހުންގެ އަތުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ވަނީ ފެނިފައެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް