އަމާޒަކީ ވީހާވެސް އަވަހަށް އިންސާފުވެރިކަމާއެކު ތަހުގީގުގެ މަސައްކަތްތައް ނިންމާލުންކަމަށް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ، މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަންގެ ފަރާތުން މިއަދު ކުރިއަށްގެންދެވި ނޫސްބައްދަލުވުމެއްގައެވެ.
އެގޮތުން އެ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކަމާއި މިނިވަންކޮށް ގެންވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން މުނައްވަރު ވަނީ މި ކޮމިޝަނުގެ މަސައްކަތް މީގެ ކުރީގެ ކޮމިޝަންތަކާއި ޚިލާފަށް، ފުރިހަމަކޮށް މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
މުނައްވަރު ވިދާޅުވީ އެއްވެސް ނުފޫޒެއް ނެތި ކޮމިޝަނުގެ މަސައްކަތް ކުރާނެކަމަށާއި ކޮމިޝަނުގެ މަސައްކަތް މާގިނަ ދުވަހެއް ނުވެ ނިންމާލައްވާނެކަމަށެވެ.
މުނައްވަރަކީ ސިޔާސީ ބޭފުޅެއްކަމަށް ވިދާޅުވެ ނޫސްވެރިން ސުވާލު އުފެއްދެވުމުން މުނައްވަރު ވިދާޅުވީ އެމަނިކުފާނު ދަންނަ މީހުންނަށް، އެމަނިކުފާނަކީ ނުފޫޒު ފޯރުވޭނެ މީހެއް ނޫންކަން އެންގިވަޑައިގަންވާނެ ކަމަށެވެ.
އަދި ފުލުހުންނާއި ގުޅިގެން ތަހްޤީޤް ނުކުރި ނަމަވެސް ފުލުހުން މީހެއްގެ ބަޔާން ނަގާފައިވާނަމަ އިތުރު ބަޔާނެއް ނުނަގާނެ ކަމަށާއި އެހެން ނަމަވެސް ބަޔާން ނަގަންޖެހޭ މީހެއްގެ ބަޔާންނަގާފައި ނުވާނަމަ އެ ބަޔާނެއް ނަގާނެ ކަމަށްވެސް އެބޭފުޅާވަނީ ވިދާޅުވެފައެވެ.
ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ފަސް މެމްބަރުންވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއިރު، ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް