މިދިޔަ ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ސީޕީކަމުން ޢަލީ ޝުޖާއު އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއްމުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ޝުޖާއު އަކީ 2006 ވަނަ އަހަރގެ ސެޕްޓެންމްބަރު މަހު ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި ބޭފުޅަކަށްވާއިރު، ޝުޖާއުވަނީ ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ދިވެހި ސަރުކާރަށް އަށް އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ.
ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑް ރޭންކަށް ޝުޖާއު އިސްކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. އެ މަގާމުގެ އިތުރުން ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ، މާލޭގެ އެންމެ އިސް ފަރާތުގެ ދައުރު ވެސް އޭނާ އަދާކުރެއްވި އެވެ.
އަދި މީގެ އިތުރުން، ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑަޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވައި ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ޕްރޮފެޝަނަލް ފޯރަމްތަކެއްގައި ދިވެހި ސަރުކާރާއި ފުލުހުންގެ ހިދުމަތް ވަނީ ތަމްސީލު ކުރައްވާފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް