އިންސާފު ޤާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި، މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާއި އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއަށާއި އެކަމާ ގުޅިގެން ކުރެވޭ ތަޙުޤީޤަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ އިންސާފާއި އަދާލަތު ޤައުމުގައި ޤާއިމުކުރެއްވުމަށާއި ކޮންމެ ކަމެއްގައިވެސް ބޭނުންފުޅުވަނީ އިންސާފު ޤާއިމުކުރެއްވުމަށްކަމަށެވެ.
މީގެ އިތުރުން، މިސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅައި ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށާއި އަންހެން މީހާ ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމުގައިވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަމުގެ ޙަޤީޤަތް ހޯދައި، އިންސާފު ހޯދައިދިނުމަށްކަމަށެވެ.
"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް." ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ޤާނޫނާއި އިންސާފުގެ ކުރިމަތީގައި އެއްވެސް މީހެއް އެމަނިކުފާނަށް މުހިންމު ނުވާނެކަމަށާއި އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޯޒު ނުފޯރުވޭނެކަމަށާއި އެމަނިކުފާނު ހަމައެކަނި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ ރައްޔިތުންނަށް ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންހެން މީހާ ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް އުފެއްދެވި ކޮމިޝަނުން އިންސާފުވެރި ތަހުގީގެއް ހިންގާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އަދި ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމުގެ ބާރުވެސް އެ ކޮމިޝަނަށް ދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ހަގީގަތް ހޯދުމުގައި ނޫނިއްޔާ ބަލަންޖެހޭ ކަމެއް ބެލުމުގައި. ހުރަހެއް ކުރިމައްޗެއްވެސް ނުކުރެވޭނެ. ސުވާލުނުކުރެވޭނެ ފަރާތެއް ނުހުންނާނެ ޓަކި ނުޖެހޭނެ ދޮރެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިކަމުގައި އިންސާފުވެރި ތަހުގީގެއް ހިންގައި މި މައްސަލާގައި އުފެދިފައިވާ ހުރިހާ ސުވާލަކަށްވެސް ޖަވާބު ލިބުން އެއީ އެމަނިކުފާނުވެސް ބޭނުންފުޅުވާ ގޮތްކަމަށާއި އެމަނިކުފާނު މިއަދާ ހަމައަށްވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް