ފުރާޅުމައްޗަށް ވެއްޓުނު ހާދިސާގައި އަނިޔާވި އަންހެންމީހާގެ ފޮޓޯއާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2025 އެޕްރީލް 18 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނެއް ވެއްޓިފައިއޮއްވާ ފެނިފައިވާ ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާގޮތް އެ ކޮމިޝަނުން ތަހުގީގުކުރަމުންދާކަމަށެވެ.
އަދި އެ ހާދިސާ ތަހުގީގުކުރުމުގައި، ފުލުހުންގެ އިހުމާލުތަކެއްވާކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއްކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާތީ އެ މައްސަލަ ތަހުގީގުކުރާއިރު އެކަންކަމަށް ރިޢާޔަތްކުރާނެކަމުގެ ޔަޤީންކަން އެ ކޮމިޝަނުންވަނީ އަރުވާފައެވެ.
އަދި އެކަންކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ހިސާބުން އަނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރިކަމަށާއި އެގޮތުން، އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ މިއަދުކަމަށާއި، އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދުވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖުގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހްގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެކަމެއްކަމަށެވެ.
ހަމައެއާއެކު، ފުލުހުންގެ ތަހުގީގު ކުރިއަށްދާގޮތް އެ ކޮމިޝަނުން މޮނިޓަރކުރަމުން ގެންދާނެކަމަށާއި، މިިިހާރު ހާލަތު އޮތްގޮތުން އެ ހާދިސާގައި އަނިޔާވެފައިވާ ފަރާތް އިތުރަށް ވިކްޓިމައިޒްވެގެން ގޮސްފައިވާތީ، އަނިޔާވި ފަރާތާއި އެފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހްތިރާމްކޮށް، އެ ފަރާތުގެ ފޮޓޯއާއި ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން އާންމުނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް