ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ޤައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކުރާންވީ ސަބަބެއް ނޫންކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ރައީސް ވަނީ، ދިވެހި ރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައި ވީނަމަވެސް، ސަރަޙައްދުގެ ގޮތުން ބިޔަ ޤައުމެއް ކަމަށާއި، ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަޙައްދަކީވެސް ދިވެހި ޤައުމުގެ ބައެއް ކަން އެމަނިކުފާނު ހަނދުމަފުޅުކޮށް އަރުވާފައެވެ.
އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ޤައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ޤައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަމަށާއި ދިވެހި އެކްސްކްލޫސިވް އިކޮނޯމިކް ޒޯން (އީ.އީ.ޒެޑް) ގެ ބޮޑު ބިޔަ ސަރަޙައްދު ވަޔާއި ކަނޑާއި އެއްގަމު މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ޙާޞިލުކުރެވިފައިވާ ކުރިއެރުންތަކަކީ އަދި ފެށުމެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަޞީލަތްތައް، ވޭތުވެ ދިޔަ ތަނުގައި ޤާއިމުކުރެވިފައި ނުވި ސަބަބާމެދު ސުވާލު އުފައްދަވައި، މާ ދުރު ނޫން މުސްތަޤުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދޭނޭ މަގު ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ ޢަޒުމުފުޅުގައި ސާބިތުވެ ހުންނެވިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
އަދި ދިވެހި އަސްކަރިއްޔާ ހަރުދަނާކުރެއްވުމަކީވެސް ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނެޝަނަލް ސަރވިސްގެ ޚިދުމަތަށް ކުރިމަތިލުމަށް ދާދި އަވަހަށް ހުޅުވާލާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުން އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް