ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަޚުރުވެރިވާން ވާނޭކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަޞީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭނެ ކަންކަންކަމަށެވެ. ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ޤައުމީ މަސައްކަތަކީ މި މިނިވަން މުސްތަޤިއްލު ޤައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަޚުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއްކަމަށެވެ.
އަދި އެކަމާ މަލާމާތްކުރާ މީހުންނަކީ، ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ޤައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމުގައި އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. އެ ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއްކަމަށާއި، މި ޤައުމަށް އުފަން، ކޮންމެ މައް ދިވެއްސެއްގެ ހިތުގައި ޤައުމީ ލޯބި ހުންނަންޖެހޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާވެސް އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާއެކީގައި ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުން ކަމަށާއި، އެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދިވެހި ޤައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރަމުންކަމުގައްޔާއި، އޭގެ ތެރޭގައި އިޤްތިޞާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުން އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް