އައު އީޖާދުތަކާއި އުފެއްދުންތެރިކަމަށް އިސްކަންދޭ ރާއްޖެއެއް ބިނާކުރުމަށް އަމާޒު ހިފަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވީ ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، އ.ދ އިން ފާހަގަކުރާ މި ދުވަހަކީ އިންސާނީ ތަރައްޤީގައި އުފެއްދުންތެރިކަމާއި އީޖާދުގެ ދައުރަށް މީހުން ހޭލުންތެރިކުރުމަށް ކަނޑައަޅާފައިވާ ދުވަހަކަށްވާއިރު، މި ދުވަހާ ގުޅިގެން ރައީސް ވަނީ އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަށް އިސްކަންދޭ ރާއްޖެއަކަށް ބިނާކުރުމަށް އަމާޒު ހިފަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވިސްނުންފުޅުގައި، އެފަދަ ރާއްޖެއެއްގައި ކޮންމެ ކުއްޖަކަށްވެސް ދެކޭ ހުވަފެންތައް ހާސިލްވެ، ކޮންމެ ފަންނުވެރިއެއް ކުރިއަރައި، އަދި ކޮންމެ އުފެއްދުންތެރިއެއް ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ހިއްސާދާރަކަށް ވުމުގެ އިތުރުން، ދިވެހި ޤައުމު ބިނާކުރުމުގައި ދެމެހެއްޓެނިވިކަމާއި ކުރިއެރުން ހޯދުމަށް، އީޖާދީ ވިސްނުމާއި އުފެއްދުންތެރިކަން އިސްކުރަންޖެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޖީލެއް ބިނާކޮށް، އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެކެވެ. އެގޮތުން، ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް މަގުޗާޓެއް އެކުލަވާލައި މިދިޔަ އަހަރު ސަރުކާރުން ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މާހައުލެއް ޤާއިމްކޮށް، ބޭރުގެ މާކެޓުތަކަށް ނުކުމެ އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް