ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ ޙާއްސަ ދަރުހެއް 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައެވެ. މި ދަރުސްގެ ދިވެހި ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.
މީގެ އިތުރުން، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވައި 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދުވެސް ކުރައްވާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ދިވެހިރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް