ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.
އެގޮތުން، ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަން ފާސްވެފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ.
ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ރުހުންދެއްވާފައިވަނީ، ޖަރުމަންވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރަށެވެ. އަދި ސީޝެލްސްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރަކަށް ރުހުންދެއްވާފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދަށްވާއިރު، އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް ރުހުންދެއްވާފައިވަނީ ޖެނިވާގައި ހުންނަ އެކުވެރި ދައުލަތުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް