އިންކަމް ޓެކްސް ހުށަހެޅުމަށް އެހީތެރިވުމުގެ ޕްރޮގުރާމެއް ހިންގުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 6 ވަަނަ ދުވަހުގެ ފެށިގެން ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މީރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމް ޚާއްސަ ކުރެވިފައިވަނީ 2024 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށެވެ.
މިއީ ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. އަދި މިއީ އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީ، އުޖޫރަ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ބާވަތްތަކުގެ އާމްދަނީ ހިމެނޭ ކަމެއްކަމަށްވެސް މީރާއިން ބުނެފައިވެއެވެ.
މީރާއިން އިތުރަށް ބުނެފައިވަނީ، 2024 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2024 ވަނަ އަހަރަށް އެ ފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައިގެން ނުވަތަ އީމެއިލްކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނުވަތަ މީރާ ވެބްސައިޓުގެ ލައިވް ޗެޓް ފަންކްޝަން މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ.
އަދި 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތެއްތޯ ބެލުމަށް މި ލިންކު ބޭނުންކުރުމަށާއި، 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2025 ކަމުގައިވެސް މީރާއިން މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް