ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އަންގަވާފައިވާ ގޮތުގައި، ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތްތައް ކުރާއިރު، އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ބެލުން މުހިންމެވެ. މިފަދަ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތަފްސީލު އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އަދި ފަހަކަށްއައިސް ވައިބަރ އެކައުންޓްތައް ހެކްކޮށްގެން ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންގެ އަތުން ފައިސާ އޮޅުވާލައިގެން ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ފާހަގަކޮށްފައެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި، މެސެޖެއް ލިބުމުން ވަގުތުން ފައިސާ ނުފޮނުވުމަށް ފުލުހުން އިރުޝާދު ދެއްވާފައިވެއެވެ.
މީގެއިތުރުން، އިޖްތިމާޢީ ވިއުގަތައް ހެކްކޮށްގެންނާއި އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ އޮޅުވާލުންތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް