ޗައިނާގެ ނަން މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓީމޫ" އިން އެ ކުންފުނީގެ ޚިދުމަތްތައް ދިވެހިރާއްޖެއަށް ފޯރުކޮށްދޭން ފަށައިފިއެވެ.
ބޭރު ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަޤްބޫލު މި އޮންލައިން މާކެޓްޕްލޭސް ރާއްޖޭގެ ބާޒާރަށް ތަޢާރަފްވެފައިވާއިރު ގިނަ ބަޔަކުދަނީ މިހާރު ޓީމޫއިން ވިޔަފާރިކުރަމުންނެވެ.
މި ޕްލެޓްފޯމުން ވިއްކާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި، ފޭރާމާއި، ގޭގައި ބޭނުންކުރާ ތަކެއްޗާއި، ޒީނަތްތެރިވުމަށް ބޭނުންކުރާ ބާވަތްތައް ހިމެނެއެވެ. މި ހުރިހާ އެއްޗެއްވެސް ވިއްކަނީ ވަރަށް އަގުހެޔޮކޮށެވެ. އަދި ބޭނުންކުރަން ފަސޭހަ އެޕެއް މެދުވެރިކޮށް މުދާ އޯޑަރުކޮށް، ވަގުތުން އަގު އަދާކުރެވޭނެ ގޮތް ޓީމޫއިންވަނީ ހަމަޖައްސައިދީފައެވެ.
ޓީމޫއިން ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދިނުމަށް، މޯލްޑިވްސް ޕޯސްޓާއެކު ޚާއްޞަ އެއްބަސްވުމެއް ވެފައިވެއެވެ. މިގޮތުން ގެއަށް ގެނެސްދިނުމާއި، ޕިކްޕޯސްޓް އަދި ކައުންޓަރުން އެތަކެތި ނެގުމުގެ ޚިދުމަތް ލިބޭނެއެވެ.
ޓީމޫގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ހުރިހާ އޯޑަރަކަށްވެސް ހިލޭ ޝިޕިންގް ޚިދުމަތް ފޯރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ އަދަދަކުން ފައިސާ ޚަރަދުކުރަންނުޖެހި މަދު ރުފިޔާކޮޅެއް ޚަރަދުކޮށްލައިގެން އެވަގުތަކަށް ބޭނުންވާ ތަކެތި އޯޑަރ ކުރެވޭނެއެވެ. ޓީމޫ ބޭނުންކުރާ ރާއްޖޭގެ ބައެއް ކަސްޓަމަރުން ބުނާގޮތުގައި ޓީމޫއިން އޯޑަރުކުރާ ތަކެތި 6-10 ދުވަހާ ދޭތެރޭ ލިބެއެވެ.
މޯލްޑިވްސް ޕޯސްޓުން ރާއްޖޭގެ އޮންލައިން ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދކަމަށާއި، އޭޝިއާގެ އެހެނިހެން ޤައުމުތަކުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކާއެކު އިތުރު އެއްބަސްވުންތަކެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް