ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ޓޯކަން ސިސްޓަމެއް މެދުވެރިކޮށް ނެގޭނެ އިންތިޒާމު ސަރުކާރުން މިއަދު ހަމަޖައްސަވައިފިއެވެ. މި ނިޒާމުގެ ދަށުން، ރައްޔިތުންނަށް ފަސޭހަކަމާއެކު މަސްދަޅު ކޭސް ނެގުމަށް roadhahadhiya.mv ޕޯޓަލް ވަނީ ޤާއިމްކޮށްފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވީރު 6:00 ގެ ފަހުން ޕޯޓަލްގައި ހިމެނޭ ކޯޑު ސްކޭންކޮށްގެން، މަސްދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒަކާއި ވަގުތު އިޚްތިޔާރުކުރެވޭނެއެވެ. ހޫނުގަދަ މޫސުމަށް ރިޢާޔަތްކޮށް، މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 8:00 އިން 12:00 އަށެވެ.
މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތައް
މަސްދަޅު ކޭސް ދޫކުރުމަށް މާލެ ސަރަހައްދުގައި 13 މަރުކަޒެއް ޤާއިމްކޮށްފައިވެއެވެ. މީގެ ތެރޭގައި މިފްކޯ ކޮމްޕްލެކްސް، އެމް.ޓީ.ސީ.ސީ ސޯމިލް، ހެންވޭރު ދަނޑު، ގަލޮޅު ދަނޑު، ސޯޝަލް ސެންޓަރު، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނެއެވެ. ކޮންމެ މަރުކަޒަކުންވެސް ވަކި އަދަދަކަށް ޓޯކަން ދޫކުރެވޭނެއެވެ.
މަސްދަޅު ކޭސް ނެގުމަށް އަންނައިރު، އައި.ޑީ. ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންނަންޖެހޭނެކަމަށް ވުޒާރާއިން އަންގަވާފައިވެއެވެ. އަދި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 3 މީޓަރަށްވާ 3 މަސްދަޅު ކޭހެވެ. ފުރަތަމަ ދުވަހު މާލެ ސަރަހައްދުގެ 9,394 ގޭބިސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި އައު ނިޒާމަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ރޯދަ ހަދިޔާ ލިބިގަތުމަށް މަގުފަހި ކޮށްދޭނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް