ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އަސާސީ ބާވަތްތަކުގެ މުދާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ރޯދަމަހު އަސާސީ ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް އެ ކުންފުނިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
އެސްޓީއޯއިން މިހާރު ވިއްކަން ފަށާފައިވާ ތަކެތީގެ ތެރޭގައި ފިޔާ، ބިސް، އަލުވި އަދި ލުނބޯ ހިމެނެއެވެ. މި ތަކެތި ވިއްކަމުންދަނީ ބާޒާރުގައި މިހާރު ހުރި އަގުތަކަށްވުރެ ހެޔޮ އަގެއްގައެވެ. މިގޮތުން ބިސް ކޭހެއް 320 ރުފިޔާއަށް، އަލުވި ބަސްތާއެއް 310 ރުފިޔާއަށް، ފިޔާ ބަސްތާއެއް 310 ރުފިޔާއަށް އަދި 5 ކިލޯގެ ލުނބޯ ކޭހެއް 145 ރުފިޔާއަށް ވިއްކަމުންދެއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވާގޮތުގައި މި ތަކެތި ގަނޑުކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ލިބެން ހުންނާނެއެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މި ތަކެތި ލިބެން ހުންނާނެއެވެ.
"މި ތަކެތީގެ އަގު ކަނޑައަޅާފައި މިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން،" އެސްޓީއޯގެ ފަރާތުން ވިދާޅުވިއެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.
އެސްޓީއޯއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވަކި ސަރަހައްދުތަކުގައި އަގު އުފުލޭ ހާލަތްތަކުގައި އެކަމަށް ރިއާޔަތްކޮށް އަގުތަކަށް ބަދަލު ގެނެވޭނެއެވެ. ނަމަވެސް އެހެން ހުރިހާ ހާލަތްތަކުގައި އެސްޓީއޯގެ ސަރަހައްދީ ސެންޓަރުތަކުން އެއް އަގެއްގައި ތަކެތި ލިބެން ހުންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް