ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ދޮޅު ގަޑިއިރުގެ ވަގުތު ކަނޑައަޅައިފިއެވެ.
އެއް ގަޑިއިރު ވަނީ މިނިސްޓަރު އިހުސާން ޖަވާބުދާރީވުމަށް ކަނޑައަޅާފައިވާއިރު 30 މިނެޓު ވަނީ ޕާޓީތަކުގެ ބަހުސަށް ކަނޑައަޅާފައެވެ.
އެމްޑީޕީން މި މައްސަލަ ހުށަހެޅުމުގެ މައިގަނޑު ދެ ސަބަބެއް ވެއެވެ. އޭގެ ތެރޭގައި ޑީއެންއާރުގެ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް ޕީއެންސީއަށް މެންބަރުން ވެއްދުމަށް ސައްހަނޫން ފޯމު ހުށަހެޅުމުގެ ތުހުމަތާއި، ބިދޭސީންގެ ކޯޓާ ދޫކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ކުރިކަމުގެ ތުހުމަތު ހިމެނެއެވެ.
ވަގުތު ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީރަށް ދޭންޖެހެނީ 30 މިނެޓު، އަދި މިހާރު ކަނޑައެޅިފައިވާ ގޮތުން މަޖިލީހުގެ މެންބަރުންނަށާއި މައްސަލަ ހުށަހެޅި ޕާޓީއަށް ލިބޭ ވަގުތު މަދުވާނެ" ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ކޮމިޓީގެ މުޤައްރިރު ވިދާޅުވެފައިވަނީ މިނިސްޓަރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާތީ، އެ ތުހުމަތުތަކުން ބަރީއަވުމަށް އިތުރު ވަގުތު ދިނުމަކީ މުހިންމުކަމެއް ކަމުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް