ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެމުންގެންދާ އެލަވަންސް މުރާޖާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "އެކަން ކުރިއަށް އެބަދޭ ބަލައިގެން. މި މަސައްކަތް ފައްޓާއިރު ވިސްނަން ޖެހޭކަމަކީ އޭގެ މައުލޫމާތު ހުރި ގޮތުންނާއި ކުއްލިއަކަށް ވަކިން ދެވިފައި ހުރި އެއްޗެހިތަކެއް ހުރީމަ ފުރަތަމަ ހާމަނައިޒް ކުރެވި އެ މައުލުމާތުގެ އަލީގައި ގޮތްތަކެއް ނިންމަން ޖެހުން" ކަމަށެވެ.
މިހާރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ދެމުން ގެންދަނީ 2,000 ރުފިޔާއެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅުގައި ވަނީ މި އަދަދު އިތުރުކުރެއްވުމަށެވެ. އަދި މިއީ ރައީސް މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މައްސަލައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިޖްތިމާއީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވެ، އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް "އެމްޕަވަމަންޓް ހަބް" ގެ ނަމުގައި ހާއްސަ މަރުކަޒެއް ވެސް ގާއިމްކޮށްފައެވެ.
މި ސަރުކާރުން ގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެ ފަރާތްތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލްކަން އިތުރުކުރުމަށް ގިނަގުނަ ޕްރޮގްރާމްތަކާއި ތަމްރީންތައް ހިންގަމުންނެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް