ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ ދެ މިސްކިތެއްގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން، އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތާއި، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ.
މި ދެ މިސްކިތުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެކަމަށް ލަފާކުރެވެނީ އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތެވެ. މި މިސްކިތުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނި ގޮތުގައި، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ އިތުރު ތިން މިސްކިތެއްގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިއީ ފެޑޯ ޕްރައިވެޓް ލިމިޓެޑް، ބެޗް ކޮންސްޓްރަކްޝަން އަދި ސަންފްރޮންޓުން އިމާރާތްކުރަމުންދާ މިސްކިތްތަކެވެ.
މިސްކިތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތްތަކަށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، މި މިސްކިތްތަކުގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ އާބާދީއަށް އިތުރު ފަސޭހަތަކެއް ލިބި، މިހާރު ހުޅުމާލޭގައި ހުރި މިސްކިތްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް