މިއަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ގިނަ މަރުކަޒުތަކުގައި ވޯޓުލުން ވަނީ ގަޑިއަށް ފެށިފައެވެ.
މިއަދުގެ ބައި-އިލެކްޝަންގައި ޖުމްލަ 12 ދާއިރާއަކަށް ވޯޓުލުން ކުރިއަށްދާއިރު، މީގެ ތެރޭގައި ހިމެނެނީ 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. ކައުންސިލްތަކުގެ ތެރެއިން ވޯޓުލުން ކުރިއަށްދަނީ ހދ. މަކުނުދޫ ކައުންސިލް މެންބަރުކަމަށާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ވޯޓުލުން ކުރިއަށް ދަނީ
- ހދ. ހިރިމަރަދޫ،
- ނ. މިލަދޫ،
- ނ. ފޮއްދޫ،
- ރ. އިންނަމާދޫ،
- ބ. ގޮއިދޫ،
- އދ. ހަންޏާމީދޫ،
- ދ. ހުޅުދެލި،
- ލ. ގަން،
- ތ. ބުރުނި
- ގއ. ކަނޑުހުޅުދޫގައެވެ
ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން މިހާރު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލި ނަމަވެސް، 21 ރަށެއްގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމާ ގުޅިގެން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މާފަންނު މަދަރުސާގައެވެ. އެގޮތުން އެ ސަރަހައްދުގައި 4 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް