ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އިސްވެރިންގެ ފަރާތްޕުޅުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީނެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމުގެ އިތުރުން، ވިޔަފާރިއާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން އަދި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރެއްވުމާއި، ބިޒްނަސް ފޯރަމެއް ބޭއްވުމާއި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅު މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.




