އެކްސިޑެންޓްވި ސީންގައި ފުލުހުން ހަރަކާތްތެރިވަނީ --

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގައިފިއެވެ.

މި މަހުގެ 7 ވަނަ ދުވަހުގެ މެންދަމު ގާތްގަނޑަކަށް 3:00 ހާއިރު މި އެކްސިޑެންޓު ހިނގީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި:

  • ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ރަނގަޅުވަމުން އަންނާތީ، ވެންޓިލޭޓަރުން ނަގައި ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އަށް ވަނީ ބަދަލުކޮށްފައެވެ.

  • ދެވަނަ މީހާއަށް އަދިވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

  • އެކްސިޑެންޓުގައި އަނިޔާވި އިތުރު ދެ މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، އެކަކަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓުވި އެއް ސައިކަލު ތިން މީހުން އަރުވައިގެން ދުއްވާފައިވަނީ ވަންވޭއާ އިދިކޮޅަށެވެ. އަދި އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.

މި އެކްސިޑެންޓާ ގުޅިގެން އުމުރުން 27 އަހަރުގެ މުހައްމަދު ސައިފް ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ދީފައެވެ. މީގެއިތުރުން، ގަވާއިދާ ހިލާފަށް ދުއްވި ސައިކަލުގެ ކުރީގައި އިނީ އަޙްމަދު އުވައިސް ކަމަށާއި، ތަހުގީގު ނިމުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް