ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީއޭއޭ 2" އިން "ސީއޭއޭ 1" އަށް އަދި އިގްތިސާދީ އައުޓްލުކް "ސްޓޭބަލް" އަށް މަތިކޮށްފިއެވެ.
މޫޑީޒްއިން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދައްކައި މާލީ ރައްކާތެރިކަން ކަށަވަރުކުރަން އެޅި ފިޔަވަޅުތަކާއެކު، ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުތަނުން ކުޑަވުމާ ގުޅިގެންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރޭޓިން މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ދައްކައި ހަލާސްކުރުން ހިމެނޭ ކަމަށެވެ. އަދި 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 130 މިލިއަން ޑޮލަރުގެ އެހީ ހޯދުމަކީވެސް މާލީ ތާށިކަން ކުޑަވެގެންދިޔަ ކަންކަމެވެ.
2024 އިން ފެށިގެން ތަންފީޒުކުރި ބޭރު ފައިސާއާ ގުޅޭ ފިޔަވަޅުތަކާއެކު ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރުވެފައިވާއިރު، 2025 ގެ ނިޔަލަށް ޖީޑީޕީގެ 129.2 ޕަސެންޓުގައި ހުރި ދައުލަތުގެ ދަރަނި ޖުލައި 2026 އާ ހަމައަށް ވަނީ 122.6 ޕަސެންޓަށް ދަށްވެފައެވެ. ސަރުކާރުން ބުނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ގޮންޖެހުންތަކަށް ސަމާލުވެ، ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް އިސްކަންދޭނެ ކަމަށެވެ.



