މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" މަޝްރޫޢުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ކެޓަގަރީން ފްލެޓަށް އެދުމުގެ ފުރުސަތު މި މަހު ހުޅުވާލުމަށް ނިންމައިފިއެވެ.
މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން، މި ކެޓަގަރީގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި، އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅޭ ގޮތަށެވެ. މި އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، އަމިއްލައަށް ފޯމު ހުށަހެޅުމަށް ދަތިތަކެއް ހުރި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުޑަކުދިންގެ ބޯހިޔާވަހިކަމުގެ ޙައްޤު އެކުދިންގެ ބެލެނިވެރިން މެދުވެރިކޮށް ކަށަވަރުކޮށްދިނުމެވެ.
މި ފުރުސަތުގެ ދަށުން ފްލެޓަށް އެދި ހުށަހެޅޭނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ބެލެނިވެރިންނަށެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަޖެހިފައިވަނީ 20 މޭ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރަކަށް ގުޅުއްވުން ނުވަތަ hotline@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.




