މާލޭގައި ރަށްވެހިވެފައިވާތާ އެއް އަހަރު ނުވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކުރައްވައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް، އެ ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ބަދަލާއެކު، އެޕްލިކޭޝަން ހުށަހަޅާއިރު މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކުގެ އިތުރުން، މާލޭގެ ރަށްވެހިކަން ލިބުނު ތާރީޚު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.
"ގެދޮރުވެރިޔާ" ޕްރޮގްރާމަކީ ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިގެން (ޖޮއިންޓްކޮށް) ގޯތި ލިބުނު އާއިލާތަކުގެ ތެރެއިން، ވަކިން ގޯތި ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށްވެސް މި ޕްރޮގްރާމްގެ ދަށުން ފުރުސަތު ލިބިގެންދާނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިޢުލާންކުރި "އާއިލީ ބޯހިޔާވަހިކަން" މަޝްރޫޢުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައި ހިމެނޭ 7,900 ފްލެޓް ބަހާލެވިފައިވާ ގޮތަކީ:
މާލޭގެ ރަށްވެހިންނަށް: 4,000 ފްލެޓް
މާލޭގައި ދިރިއުޅޭ ނަމަވެސް މާލޭގެ ރަށްވެހިންނަށް ނުވާ ފަރާތްތަކަށް: 1,500 ފްލެޓް
ސަރުކާރުން ކަނޑައަޅާފައިވާ ޚާއްޞަ ކެޓަގަރީތަކަށް: 2,400 ފްލެޓް




