ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ފްރާންސްގެ ގައުމީ އެއާލައިން, އެއާ ފްރާންސަށް ހިދުމަތް ދޭން ފަށައިފި އެވެ.
އެއީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 34 ވަނަ އެއާލައިން ކަމަށް ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުންޏެވެ.
އެއާ ފްރާންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017ގަ އެވެ.
ދުނިޔޭގައި އެންމެ މަޝްހޫރު އެއް އެއާލައިން ސިންގަޕޯ އެއާލައިންސަށް ވެސް އިއްޔެ ވަނީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފަ އެވެ.
އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




