މީޑިއާ ރެގިއުލޭޝަން ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސް ކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ 60 މެންބަރުންގެ ތާއީދާއެކުގައެވެ.
ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.
މި ބިލާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ފާޅުކުރެވުނު ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވަނީ މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކުރުން ހިމެނެއެވެ.
ބިލަށް ގެނެވުނު އެހެނިހެން މުހިންމު އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުންގެ ސިފަތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމާއި، އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.
އަދި ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމާއި، މީޑިއާއެއްގެ ރަޖިސްޓްރީ ވަގުތީގޮތުން ބާތިލްކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭ މާއްދާވެސް ވަނީ އުނިކޮށްފައެވެ.
މި ބިލު ފާސްވުމުގެ ކުރިން، ކައުންސެލް ޖެނެރަލްގެ އޮފީހުން ވަނީ ބިލުގައި ޤާނޫނުއަސާސީއާއި އެހެނިހެން ޤާނޫނުތަކާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތްކަން ކަށަވަރުކޮށްދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




