ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 5.6 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިއަން ޑޮލަރެވެ.

ދިވެހި ރުފިޔާއާއި ޑޮލަރު އެއްކޮށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ދައުލަތަށް ޖުމްލަ 27 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 25 ބިލިއަން ރުފިޔާއެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ވަނީ ޓެކްސްގެ ގޮތުގައި ލިބިފައެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 923 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައިވަނީ 853 މިލިއަން ޑޮލަރެވެ. މިއީ 8.3 އިންސައްތައިގެ އިތުރުވުމެކެވެ.

ޑޮލަރުން ލިބުނު ޓެކްސްގެ ތެރެއިން އެންމެ ގިނަ ފައިސާ، 571 މިލިއަން ޑޮލަރު ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައެވެ. އިންކަމް ޓެކްސްގެ ގޮތުގައި 138 މިލިއަން ޑޮލަރާއި ގްރީން ޓެކްސްގެ ގޮތުގައި 114 މިލިއަން ޑޮލަރު ވެސް ދައުލަތަށް ވަނީ ލިބިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް