ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތް މިންވަރު އަހަރުން އަހަރަށް ބޮޑުވަނީ: އޮޑިޓަރ ޖެނެރަލް

ޓެކްސްގެ ގޮތުގައްޔާއި ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތް މިންވަރު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށާއި، އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ނިޔާޒީ މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ހިސާބުތަކުން ދައްކައެވެ.

"2021 ވަނަ އަހަރާއި 2025 ވަނަ އަހަރާ އަޅައި ބަލާއިރު އެބައިތައް ވަރަށް ބޮޑުތަނުން އިތުރުވެފައި އެބައިން، މީގެ ތެރެއިން ވެސް ވަރަށް ބޮޑު ކޮންސާނަކަށް، ފަހުގެ އަހަރުތަކުގައި ފާހަގަވެގެންދިޔަ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި އިތުރުވަމުން ދިއުން،" ނިޔާޒީ ވިދާޅުވިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮޑިޓުތަކާއި ދައުލަތުގެ އާމްދަނީ ހޯދާ އިދާރާތަކުގެ މައުލޫމާތަށް ބަލާއިރު، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ގިނަވަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އާމްދަނީ ހޯދާ އިދާރާތަކަށް ގާނޫނީ ގޮތުން އިތުރު ބާރުތައް ދީގެން، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބެންޖެހޭ މުއްދަތުގައި ހޯދުމަށް ނިޔާޒީ ލަފާދެއްވިއެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ތެރެއިން ނުދައްކާ ހުރި ބިލުތަކުގެ އަދަދު ހަތް ބިލިއަން ރުފިޔާއާ ގާތްވެފައިވާއިރު، އެ ބިލުތައް ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ފައިސާ ހިމަނާފައެއް ނުވެއެވެ. އެހެންކަމުން، އެ ފައިސާ ދައްކާނެ ގޮތެއް ފިނޭންސް މިނިސްޓްރީން ހޯދުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، 2027 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެޑްހޮކް އާމްދަނީގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ހިމަނާފައިވާ ކަމަށާއި، އެ އާމްދަނީ ނުލާ ބަލާއިރު ރިކަރަންޓް ހަރަދުތައް ދައުލަތުގެ އާމްދަނީން ކަވަރު ނުކުރެވޭ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. މި ހިނގާ 2026 ވަނަ އަހަރުގެ ބަޖެޓުގައި ވެސް މި ގޮތަށް 50 މިލިއަން ޑޮލަރު ހިމަނާފައިވާއިރު، ރިވައިޒްކުރި އާމްދަނީއަށް ބަލާއިރު ލިބިފައިވަނީ 48 މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ލިބޭ އާމްދަނީއާ އެއްވަރަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިޔާޒީ ލަފާދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް