މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިމިދިޔަ އޮކްޓޯބަރު މަހު މާލޭ ވިޔަފާރި ބަނދަރުން 190،145.85 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ.
އެމްޕީއެލުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، އެ މަހުގެ ތެރޭގައި ބަނދަރަށް ޖުމްލަ 47 އުޅަނދެއް ލަފާފައިވެއެވެ. އޭގެ ތެރޭގައި 34 ކޮންވެންޝަނަލް އުޅަނދާއި 13 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.
މުދާ ކްލިއަރެންސްގެ ތެރޭގައި 5،768 ކޮންޓެއިނަރު ކޮންސައިންމަންޓާއި 1،825 ކޮންވެންޝަނަލް ކޮންސައިންމަންޓް ހިމެނެއެވެ.
ކޮންޓެއިނަރު ހޭންޑްލިންގައި ބަނދަރުން 7،818 ޓީއީޔޫ އަންލޯޑްކޮށް، 7،610 ޓީއީޔޫ ލޯޑްކޮށްފައިވެއެވެ. މުޅި މަހުގެ ޖުމްލަ ކޮންޓެއިނަރު ތްރޫޕުޓަކީ 15،428 ޓީއީޔޫއެވެ.
އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރެއިން އެންމެ ގިނައިން ކްލިއާކުރެވުނީ ބިހެވެ. 72،561 ޕެކޭޖްގެ ބިސް ކްލިއާކޮށްފައިވާއިރު، ފިޔާ 50،847 ޕެކޭޖަށް އަރައެވެ.
އަދި ކަރާ 37،117، އަލުވި 26،263، ޓޮމާޓޯ 21،380، އަލަނާސި 15،535 އަދި ކެބެޖް 14،657 ޕެކޭޖްވެސް އެ މަހު ކްލިއާކުރެވުނެވެ.





