ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ތަރައްގީކުރި ސެން ކްލާސް. (ފޮޓޯ/ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބޭންކް ފަންޑު ތައާރަފުކުރި ފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

މިއީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބޭންކުން ހުޅުވާލާ ފުރުސަތެކެވެ.

މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ހޮވޭ ފަސް ފަރާތަކަށް، ތައުލީމާއި، ތިމާވެށްޓާއި، ކުޅިވަރުގެ ދާއިރާގެ އިތުރުން މުޖުތަމައަށް ފައިދާހުރި އެކި މަޝްރޫއުތައް ހިންގުމަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެ އެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އަދި "ބޭންކް ފަންޑު" އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން. "ބޭންކް ފަންޑު" އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު ބޭންކުން ފަހުރުވެރިވާ ކަމަށާއި، 2026 ވަނަ އަހަރުވެސް އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް