ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ "ވޯކިން ކެޕިޓަލް ފައިނޭންސިން" ފެސިލިޓީއެއް އެސްއެމްއީ ޑިޖިޓަލްއިން ކުޅުދުއްފުށި ސިޓީގައި އިފްތިތާޙްކޮށްފިއެވެ. މި ސްކީމުގެ ދަށުން ކޮންމެ ވިޔަފާރިއަކަށް 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި ފެސިލިޓީގެ އެންމެ ހާއްސަ އެއް ސިފައަކީ، އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބުމުގެ ފުރުސަތު އޮތުމެވެ. ވިޔަފާރިތަކުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި މުދާ ގަތުމަށް އަމާޒުކޮށްފައިވާ މި އެހީ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، ފައިސާ ދައްކަން ނުޖެހޭ ގޮތަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ކަނޑައަޅާފައިވެއެވެ.
މިއީ ރަޖިސްޓްރީކޮށްގެން ހިންގާތާ 6 މަސްވެފައިވާ ކޮންމެ ވިޔަފާރިއަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، ވިޔަފާރިތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަމެވެ. މި ސްކީމް އިފްތިތާޙްކުރީ ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެފަރާތްތަކުގެ ބޭނުންތައް ދެނެގަތުމަށްފަހުގައެވެ.
މިދިޔަ ހަފުތާ ބަންދުގައި ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، ގިނަ އަދަދެއްގެ ވިޔަފާރިވެރިންނަށް ވަނީ މި ފުރުސަތުގެ މައުލޫމާތު ދީ، އެޕްލިކޭޝަން ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ލުއި ފައިނޭންސިންގ މެދުވެރިކޮށް ރާއްޖޭގެ ކުދި ވިޔަފާރިތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ވިޔަފާރިތަކަކަށް ހެދުމެވެ. މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.



