މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެމްއައިބީގެ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކުރުމަށް މިއަދު ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުގައި، ހިއްސާދާރުންނަށް ފައިދާ ބެހުމަށް ވަނީ ނިންމާފައެވެ.
މިގޮތުން، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ވަނީ ކަނޑައަޅާފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި ނިންމުމާ އެކު، މިއަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ލިބޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
2025 ވަނަ އަހަރުގެ ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަކީ 35 އިންސައްތަ ކަމަށްވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 25.81 އިންސައްތައިގެ ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ބަހާފައިވަނީ 4.58 ރުފިޔާއެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން ބޯޑުން ހުށަހަޅާފައިވާ މި ނިންމުން ނިހާއީކޮށް ފާސްކުރާނީ މިއަހަރުގެ މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިންކަމް ޓެކްސް ގާނޫނުގެ ދަށުން، 'ނޮން-ރެޒިޑެންޓް' ހިއްސާދާރުންގެ އަތުން 10 އިންސައްތައިގެ ވިތްހޯލްޑިންގ ޓެކްސްއެއް ނެގުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، މިއީ ހަމައެކަނި ރެޒިޑެންސީ ސްޓޭޓަސް ކަށަވަރުކޮށްދީފައިނުވާ ފަރާތްތަކަށް އަމަލުކުރެވޭނެ އުސޫލަކަށްވާތީ، ހުރިހާ ހިއްސާދާރުންވެސް ވީހާވެސް އަވަހަކަށް ރެޒިޑެންސީ ސްޓޭޓަސް ހުށަހެޅުމަށް އެމްއައިބީން ބާރުއަޅައެވެ.




