މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު މާލީ ކުރިއެރުމާ އެކު ހިއްސާއަކަށް 60ރ. ބެހުމަށް ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މި ނިންމުމާ އެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322.9 މިލިއަން ރުފިޔާ ބެހުމަށް ހުށަޅާނެ އެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގަ އެވެ.
އޭގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ހުށަހަޅާފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.
ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައި ކަމަށް، ބޭންކުން ބުންޏެވެ. އެގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ.
އެހެންކަމުން މި އަހަރު ކޮންމެ ހިއްސާއަކަށް ޖުމުލަ 2091.80 ރުފިޔާގެ ނަފައެއް ލިބޭނެ ކަމަށް، ބީއެމްއެލުން ބުންޏެވެ.




