ޖަރުމަނު ވިލާތުގެ ވެރިރަށް، ބަރލިންގައި މި އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އޭޝިއާ ބަރލިން ސަމިޓު" ގައި ބައިވެރިވުމުގެ ފުރުޞަތު، އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ދިިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަން، ބަރލިން ގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަނު ވިލާތުގެ ސަރުކާރުން އެ މިނިސްޓްރީ އަށް އަންގަވާފައިވާކަމަށެވެ.
"ކަނެކްޓިންގ ސްޓާޓްއަޕް އީކޯސިސްޓަމްސް ފޮރ ޑައިވާސިޓީ އެންޑް އިނޮވޭޝަން" މި ޝިއާރުގެ ދަށުން ބޭއްވޭ މި ސަމިޓަކީ ބައިނަލްއަޤްވާމީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި ފަސް ދާއިރާއަކަށް އަލިއަޅުވާލެވޭނެއެވެ. އެއީ ސިއްޙީ ދާއިރާ، ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީއެވެ.
އޭޝިއާ-ބަރލިން ސަމިޓަކީ، ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓްއަޕް އިކޯސިސްޓަމް ދައްކާލުމަށް އަގުހުރި ޕްލެޓްފޯމެއްކަމަށާއި އެކި ގައުމު ތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި އެކި ހަރަކާރްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، އެކްސްކްލޫސިވް ރައުންޑް ޓޭބަލްތަކުގައި ބައިވެރިވެ، ކޯ ހޯސްޓް ސެޝަންތަކުގައި ނުވަތަ ސަގާފީ ޝޯކޭސްތަކުގައި ބައިވެރިވުމާއި، އިވެންޓުތަކުގައި ސަގާފީ ކާނާ ސްޕޮންސަރކޮށްގެން އެފަރާތެއްގެ ގައުމީ ތަރިކަ ދައްކުވައި ދިނުމަށްވެސް މި ސަމިޓު ގައި ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މި ސަމިޓާ ގުޅިގެން ކުރައްވާ ދަތުރުފުޅުގެ އެންމެހައި ޚަރަދުތައް އަމިއްލަފުޅަށް ހަމަޖެއްސެވުމަކީ ކޮންމެ ބައިވެރިއެއްގެވެސް ޒިންމާއެއްކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި ބައިވެރިންނަށް އެހެނިހެން އެހީތެރިކަން، ބަރލިން މިޝަން އިން ފޯރުކޮށްދޭނެ ކަަމަށާއި އެ ސަމިޓާ ގުޅޭ މައުލޫމާތު ސަމިޓްގެ ވެބްސައިޓް https://abs2025.asia.berlin މެދުވެރިކޮށް ލިބެން ހުންނާނެކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އަދި މި ސަމިޓްގައި ބައިވެރިވުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭނަމަ international@trade.gov.mv އަށް އީމެއިލްކުރެއްވުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




