ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުގެ ބެލްކަނި އަދި ކުޑަދޮރު ފަދަ ހާމައަށް ހުންނަ ތަންތަން ސަލާމަތީ ގޮތުން ރައްކާތެރިކުރުމަށް ބަންދުވާނެހެން ރޭލިން ހަރުކުރަން އެޗްޑީސީއަށް އަންގަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް ކައުންސިލްގެ ޖަލްސާއަށް މިއެންގުން އަންގަން ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާއެވެ.
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރަކުން ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވި ހާދިސާއާ ގުޅިގެން، އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓުން ފަދަ ހާދިސާތައް ހުއްޓުވައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ހުށަހެޅި މައްސަލައެކެވެ.
މީގެ އިތުރުން ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވާތީ، ޓްރެފިކް ބެލެހެއްޓުން އިތުރަށް ވަރުގަދަކުރަން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެޗްޑީސީއަށް އަންގަންވެސް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.




