ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަމްރީނުތައް އިތުރަށް ވަރުގަދަކޮށް، ދާއިރާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ މުއައްސަސާ ގުޅިގެން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގުމާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް އަމަލީ މައިދާނުގައި ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މި އެމްއޯޔޫގެ ދަށުން އާރުޑީސީގެ މަޝްރޫއުތަކާއި އަމަލީ މަސައްކަތްތަކުގެ ތެރެއިން ދަރިވަރުންނަށް އިންޑަސްޓްރީގެ ތަޖުރިބާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ގައުމީ ފެންވަރުގައި ބޭނުންވާ ފަންނީ މަސައްކަތްތެރިން އުފެއްދުމަށާއި، ދެ މުއައްސަސާގެ ދެމެދުގައި އިލްމީ އަދި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.




