މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް ކުރި ހޭދަ 12.7 ޕަސެންޓް އިތުރުވެ 4.75 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހޭދަވި 4.21 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 533 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއާއެކު ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.5 ޕަސެންޓް އިތުރުވެ، 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެހީއާއި ސަބްސިޑީއަށް 8.54 ބިލިއަން ރުފިޔާ (40.3 ޕަސެންޓުގެ އިތުރުވުމެއް) ހޭދަވެފައިވާއިރު، އާސަންދައަށް 1.45 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ އިނާޔަތްތަކަށް 4.04 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
އަދި ބިމާއި އިމާރާތްތަކަށް ކުރި ކެޕިޓަލް ހޭދަ 44.6 ޕަސެންޓް އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



