އެމްއެމްއޭގެ ލައިސަންސް ނެތި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި، އާންމުން މައުލޫމާތު ފޮނުވުމަށް 9388733 ނަންބަރު ވަނީ ހަމަޖައްސާފައެވެ.
މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނެއެވެ. މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމަށާއި، ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ.
ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ގަވާއިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖުކުރި 7 ފަރާތަކުން ވޭތުވެދިޔަ 9 މަސްދުވަސް ތެރޭ 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.




