ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ވަކިކުރުމަކީ އެހެން ގޮތެއް ނެތިގެން ނޫނީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އެ ބިލަށް ތާއީދުކުރީ މަޝްރޫއުތައް ހިންގުމަށް ބައެއް ކައުންސިލްތަކުން ކުރިމަތިކުރާ ހުރަސްތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކެބިނެޓުން ނިންމައިގެން ބިން ނެގިނަމަވެސް އެކަމުގައި ކައުންސިލާ މަޝްވަރާކުރަންޖެހޭނެއެވެ. އަދި ބިން ވަކިކުރެވޭނީ އާންމުކޮށް އިއުލާނުކުރެވޭ ތަރައްގީގެ މަޝްރޫއަކަށް އެކަނި ކަމަށާއި، އެ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ އެކަށީގެންވާ ބަދަލު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ހުށަހެޅުއްވި ބިލެކެވެ. ޕީއެންސީގެ 47 މެންބަރުންގެ ތާއީދާއެކު މަޖިލީހުން މި ބިލު ފާސްކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި ގާނޫނަށް ގެނެވުނު މި އިސްލާހާއެކު އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ވަސީލަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާނެއެވެ.




