ލައިސަންސް ނެތް މީހުންނާއި ކުޑަކުދިންނަށް އެއްގަމު އުޅަނދު ދުއްވަން ދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް އެކުލަވާލާފައިވާ އެއްގަމު ދަތުރުފަތުރުގެ އާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައިފިއެވެ.
މަގުމަތީގެ އަމާންކަން ކަށަވަރުކުރުމުގެ މައިގަނޑު މަގްސަދުގައި ވުޖޫދުކުރި މި ގާނޫނުގެ ދަށުން، އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ ހަވާލުކޮށްފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އަދި އުޅަނދު ހަވާލުކުރީ ކުޑަކުއްޖަކާ ނަމަ ސީދާ 50,000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި، މިފަދަ ހާދިސާއެއްގައި މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއަށް ބޮޑުވާނެއެވެ.
މި ގާނޫނުގެ ދަށުން ކުށް ސާބިތުވާ ފަރާތްތަކުގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސް ނެތް މީހެއްނަމަ އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެއެވެ. މުއްދަތު ހަމަވުމަށްފަހު ވެސް އަލުން ލައިސަންސް ލިބޭނީ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.
މީގެއިތުރުން، އެކްސިޑެންޓެއްގައި މީހަކަށް ގެއްލުމެއް ނުވަތަ ފުރާނައަށް ނުރައްކަލެއް ވެއްޖެނަމަ، ގާނޫނުލްއުބާތުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެއެވެ. ގެޒެޓުގައި ޝާއިއުކުރިތާ 30 ދުވަސް ހަމަވުމުން މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މިހާރު ބޭނުންކުރާ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި މަގުމަތީގައި ހިނގާއުޅުމުގެ ގާނޫނު އުވިގެންދާނެއެވެ.



