ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން "ކެޓް އައިލެންޑް"އެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އެކަމަށް ބޭރުގެ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ބުޅާ ގެންގުޅޭނެ ރަށެއް ތަރައްގީ ކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އަދި ޒަމާނީ ފެސިލިޓީތަކާއެކު އެފަދަ ރަށެއް ހިންގިއްޖެނަމަ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވެސް ބޮޑު ޝައުގުވެރިކަމެއް ލިބޭނެ ކަމެކެވެ.
މީގެއިތުރުން، މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު 280 ބުޅާ ބަލަހައްޓަމުން އަންނަ އެ މަރުކަޒު ފުޅާކުރުމުން 500 އެއްހާ ބުޅާ ގެންގުޅެވޭނެއެވެ.



