އަލްޖީރިއާގެ ޖަންގަލިތަކުގައި ގަސްދުގައި އަލިފާން ރޯކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް އެ ގައުމުގެ ގާނޫނުއުގޫބާތަށް އިސްލާހު ގެނައުމަށް ރައީސް އަބްދުލްމަޖީދު ތަބޫން އަންގަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ ފަހަކަށް އައިސް އަލްޖީރިއާގެ ތަފާތު ސަރަހައްދުތަކުގައި ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި 12 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
ރައީސް ތަބޫން ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން ގާނޫނުއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ތައްޔާރުކޮށް ހުށަހެޅުމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަށް އަންގަވާފައެވެ. މިހާރު އޮންނަ ގާނޫނުގެ ދަށުން ޖަންގަލިތަކުގައި ގަސްދުގައި އަލިފާން ރޯކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ 30 އަހަރުގެ ޖަލު ހުކުމެއް ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އެއްފަހަރާ ގިނަ ތަންތަނުގައި އަލިފާން ރޯވެފައިވަނީ ގަސްދުގައި ކުރި ކަމަކުން ކަމަށް ތުހުމަތުކުރެވޭތީ، އަދަބުތައް އިންތިހާއަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.
އަލްޖީރިއާގެ ގާނޫނުއުގޫބާތުގައި މަރުގެ އަދަބު ކަނޑައެޅިފައިވީ ނަމަވެސް، 1993 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮތީ މެދުކަނޑާލާފައެވެ. އަލިފާނުގެ ހާދިސާތަކާ ގުޅިގެން ސަރުކާރުން ވަނީ ގެއްލުންވި އާއިލާތަކަށް ވަގުތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހަލާކުވި ކަރަންޓާއި ފެނުގެ ނިޒާމުތައް އަލުން އާރާސްތުކޮށް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް އިރުޝާދު ދީފައެވެ.



